ފޮޓޯގްރަފީ އާ ބެހޭ ދެތިން ބަހެއް
ފޮޓޯ ނަންގަވާ އިރު ފޮޓޯ އެއް ނެގުމަށް ފޮޓޯ
ތިނަންގަވާ ފޯނު ނުވަތަ ކެމެރާގެ އެތެރޭގައި ހިނގާ ކަންކަން އެނގިލައްވާތޯއެވެ.
އެންމެ ފުރަތަމަ ފޮޓޯ އެއް ނެގި ކަމަށް އެނގިފައިވަނީ 1826 ނުވަތަ 1827 ވަނަ
އަހަރު ފްރާންސްގެ މީހެއް ކަމަށްވާ ޖޯސެފް ނިސެފޯރ ނީޕްސެ އެވެ. (ނަން ނުބައި ނަމަ
މާފު ކުރައްވާ). ކުރިން ފޮޓޯ ނަގާ އުޅުނީ ފިލްމްގައެވެ. ނަމަވެސް ފަސޭހަޔަކަށް
މުޅިންހެން މިހާރު ފިލްމް ފޮޓޯގްރަފީ ޑިޖިޓަލް ފޮޓޯގްރަފީ އަށް ވަނީ
ބަދަލްވެފައެވެ. އަށްޑިހައިގެ އަހަރުތަކުގައި ނުވަތަ އެއަށްވުރެ ކުރީގައި އުފަންވި
ބޭފުޅުންނަށް މިފަދަ ކެމެރާ ފެނިފަ ހުރެދާނެއެވެ. ޑިޖިޓަލް ކެމެރާތަކުން ނުވަތަ
ފޯނުތަކުން ނަގާ ފޮޓޯ ފައިލްގައި އެގްޒިފް އިންފޮރމޭޝަން ކިޔާ މައުލޫމާތު ތަކެއް
ހުންނާނެއެވެ. އެގްޒިފްގައި ފޮޓޯ ނެގުނު ތާރީޚާއި ފޮޓޯ ނެގުނު ކެމެރާގެ ނުވަތަ
ފޯނުގެ ނަމާއި ފޮޓޯގެ ބޮޑުމިނާއި އަދިވެސް ވަރަށް ގިނަ މައުލޫމާތު ހުންނާނެއެވެ.
ފޮޓޯ ނެގުމަކީ މުޅިންވެސް އަލި ރައްކާ ކުރުމެވެ.
އަޅުގަނޑުމެންނަށް ލޮލުންވެސް ފެންނަނީ އަލި ތަންތަނުގައި ޖެހިފައި ލޮލަށް އެޅޭ
އަލިން އަޅުގަނޑުމެންގެ ސިނކުޑިން ޕްރޮސެސްކުރާ ފޮޓޯ އެވެ.
ޑިޖިޓަލް ފޮޓޯ އަކީ ކޮބާ؟
ސެންސަރ އެއްގެ ކުރެހުން، ފޮޓޯ: ވިކިޕީޑިއާ
ޑިޖިޓަލް ފޮޓޯ އަކީ ކުރީގެ ބޭނުންކުރަމުން އައި
ފިލްމް ފޮޓޯގެ ޑިޖިޓަލް ކޮއްކޮއެވެ. މަތީގައި އެވަނީ ސެންސަރ އެއްގެ ކުރެހުމެކެވެ.
މަތީގައިވާ ފަށަލަ އިން ސެންސަރ އަށް އެޅޭ ކުލަޔާ ބެހޭ މައުލޫމާތު ރައްކާ
ކުރެއެވެ. އަދި ތިރީގައިވާ ފަށަލައިން އަލީގެ ކަޅާ ހުދުގެ ތަފާތުތައް ހިފައެވެ. މި
މައުލޫމާތު ޕްރޮސެސަރ އަކުން ޑިޖިޓަލް ފޮޓޯ އަކަށް ބަދަލު ކޮށްލައެވެ. މަތީގައި
އެވާ ފޮޓޯގެ ކޮންމެ ގޮޅިއަކީ ޕިކްސެލް އެއް ކަމަށް ބައްލަވާށެވެ. އެންމެ މަޝްހޫރު
އަދި ލުއި ފޮޓޯ ފޯރމެޓަކީ ޖޭޕީޖީ ނުވަތަ ޖޭޕީއީޖީ ފޯރމެޓެވެ. ދެން އެންމެ މަޝްހޫރު
ފޮޓޯ ފޯރމެޓަކީ ޕީއެންޖީ ފޯރމެޓެވެ. ޑިޖިޓަލް ފޮޓޯ އަކީ ކޯއްޗެއްކަން ދަނެގަތުމަށް
ޕިކްސެލް އަކީ ކޯއްޗެއްކަން އެނގުން މުހިންމެވެ.
ޕިކްސެލް އަދި ފޮޓޯ ރިސޮލިއުޝަން އަކީ
ކޯއްޗެއް؟
ޕިކްސެލް އެންމެ ފަސޭހައިން ބުނެދެވޭނެ ގޮތަކީ
ޑިޖިޓަލް ޓީވީ އެއްގެ ކައިރިއަށް ގޮސް ބައްލަވާލެއްވުމުން ފެންނަ ކުޑަ
ހަތަރެސްކަން ގޮޅިތަކެވެ. ކޮންމެ ފޮޓޯއެއްގައި މީގެ އެތައް ހާސް ނުވަތަ މިލިޔަން
ބްލޮކްސް ވެއެވެ. މިއިން ކޮންމެ ގޮޅިއެއްގައި ފޮޓޯއެއްގައި ނަމަ ހުންނަނީ ތަފާތު
ކުލައެކެވެ. މީގެ ކޮންމެ ގޮޅިއަކުން ދައްކައިދޭނީ ވަކި ކުލައެކެވެ. މިގޮތަށް
ގޮޅިތަށް ގިނަވި ވަރަކަށް ރިސޮލިއުޝަން މަތިވާނެއެވެ. މިސާލަކަށް 12 މެގަ ޕިކްސެލް
ގެ މާނަޔަކީ 12 މިލިޔަން ޕިކްސެލްސް އެވެ. ޕިކްސެލް ގިނަވި ވަރަކަށް ފޮޓޯގެ ރިސޮލިއުޝަން
މަތިވާނެއެވެ. ސްކްރީންތަކުގެ ރިސޮލިއުޝަންވެސް ބަލަނީ މިގޮތަށެވެ. މިސާލަކަށް
1080ޕީ ގެ ސްކްރީން އެއް ހުންނަ ފޯނެއްގައި ހުރަހަށް 1080 ޕިކްސެލްސް އަދި ދިގު
ގައި 1920 ޕިކްސެލް ހުރެއެވެ. ރިސޮލިއުޝަން މަތިވި ވަރަކަށް ފޮޓޯގައި ރައްކާ
ކުރެވޭ މައުލޫމާތު ގިނަވާނެއެވެ. އަނެއް ގޮތުން ބުނަންޏާ ފޮޓޯގެ ރިސޮލިއުޝަންގެ
އަނެއް މާނައަކީ ފޮޓޯގެ ބޮޑު ކުޑަމިނެވެ. ކޮންމެހެން ރިސޮލިއުޝަން މަތިވި ވަރަކަށް
ފޮޓޯގެ ކޮލިޓީ މަތިވުން ލާޒިމެއް ނޫނެވެ. މިސާލަކަށް 2016 ވަނަ އަހަރު ނިކުތް
ގެލެކްސީ އެސް 7 ފޯނުން ނެގޭ ފޮޓޯގެ ރިސޮލިއުޝަނަކީ 12 އެވެ. ނަމަވެސް 2015 ވަނަ
އަހަރު ނިކުތް ގެލެކްސީ އެސް 6 ގެ 16 މެގަޕިކްސެލް ފޮޓޯތަކަށް ވުރެ ގެލެކްސީ އެސް
7 އިން ނަގާ ފޮޓޯ މާ ކޮލިޓީ ރަނގަޅެވެ.
ކެމެރާތަކުގައި ހުންނަ މައިގަނޑު ބައިތައް ތިރީގައި
މިވަނީއެވެ. މި މައުލޫމާތުތަކަކީ ފަސޭހަޔަކަށް ވަރަށް ބޮޑަށް ސިމްޕްލިފައި ހުރި
މައުލޫމާތެކެވެ. ފޮޓޯގްރަފީ އަކީ ވަރަށް ޓެކްނިކަލް އަދި ބޮޑު މާއްދާއެކެވެ.
ފޮޓޯ ސެންސަރ
ސެންސަރ އާއި ބެހޭ މައުލޫމާތަށް ކޮންމެވެސް
ވަރަކަށް އަލިއަޅުވާލެވިފައިވާނެއެވެ. ފޮޓޯ ނަގާ ކެމެރާ ތެރޭގައި ހުންނަ އެންމެ
މުހިންމު ބަޔަކީ އައްޔަށް ސެންސިޓިވް ސެންސަރ އެވެ. މި ސެންސަރ އަލި އެޅުމާއެކު
ސެންސަރ އަށް އެޅޭ އަލީގެ މައުލޫމާތު ލިޔެވެއެވެ. ހުރިހާ ކެމެރާއެއްގައި ވެސް
މިބުނާ ގޮތަށް ސެންސަރ ހުރެއެވެ. މައްޝޫރު ސެންސަރ ވައްތަރު ތަކަކީ ސީސީޑީ އަދި
ސީމޯސް އެވެ. ކޮންމެއަކަށް ސެންސަރ އަކީ އަޅުގަނޑުމެންކަހަލަ އާދައިގެ މީހުން
މާބޮޑަށް ވިސްނަން ޖެހޭ ހިސާބެއްގައި ހުންނަ އެއްޗެއްވެސް ނޫނެވެ. ނަމަވެސް ނޯޓް
ކޮށްލަންވީ ޕޮއިންޓަކީ ސެންސަރ ސައިޒް ބޮޑުވާ ވަރަކަށް ފޮޓޯ ކޮލިޓީ ރަނގަޅު ވާނެ
ކަމެވެ.
ލެންސް
ލެންސްގެ ބޭނުމަކީ ސެންސަރ އަށް އެޅޭ އަލި ފޯކަސް
ކުރުމެވެ. މި ލެންސްތައް މަސައްކަތް ކުރަނީ ލޮލުގެ ލެންސް ވެސް ހަމަ މަސައްކަތް
ކުރާ ކަހަލަ ގޮތަކަށެވެ. އަޅުގަނޑުމެން އެއްތަނުން އަނެއް ތަނަށް ބަލާލުމުން
އަޅުގަނޑުމެން ފޯކަސް ކުރާ ދިމާ ސާފު ވެގެންދެއެވެ. ލެންސް ގެ ފޯކަލް ޕޮއިންޓް
ތަފާތުވާ ވަރަކަށް ފެންނަ ފޮޓޯ އަށް ތަފާތު ތަކެއް އަންނާނެއެވެ. އަދި ފޮޓޯ ޒޫމް
ކުރުމާއި ފޮޓޯގައި ފޯކަސް ވާ ތަންތަނާއި ފޯކަސް ގެއްލިފައިވާ ތަންތަން (މި
ތަންތަނަށް ކިޔަނީ ބޮކެއް) ކަނޑައެޅޭނީ ލެންސް އިންނެވެ. ބައެއް ފަހަރު
ސޮފްޓްވެއަރ ބޭނުން ކޮށްގެންވެސް މި ދެކަންތައް ކުރެއެވެ. އާންމުކޮށް ފޯން
ކެމެރާތަކުގައި ބޮޑު ލެންސް އެއް ނުލެއްވޭނެތީ މިކަން ކުރެވެނީ ސޮފްޓްވެއަރގެ
އެހީތެރިކަމުގައެވެ.
·
އޮޕްޓިކަލް ޒޫމް އަކީ ލެންސް މޫވް ކޮށްގެން ކުރާ ޒޫމް އެވެ. ފޯން
ކެމެރާތަކުން ކުރަނީ ޑިޖިޓަލް ޒޫމްއެވެ. އެއީ ބޮޑެތި ކެމެރާތަކުގައި ހުންނަ
ލެންސްތައް ބެހިފައިވާ ބައިތައް ހުންނަ ގޮތުންނެވެ.
·
އޮޓޯ ފޯކަސް އަކީ ކެމެރާ އިން ތަފާތު ޓެކްނޮލޮޖީތައް ބޭނުން ކޮށްގެން
ކެމެރާގެ މެދަށް އަރާ ތަކެތި ފޯކަސް އަށް ގެނައުމެވެ. މުޅިންހެން ފޯނުތަކުގައި
ހުންނަނީ މިފަދަ އޮޓޯ ފޯކަސް ނިޒާމަކަށް ވިޔަސް ވަރަށް ގިނަ ފަހަރަށް ފޯނު
ސްކްރީންގައި ޓަޗް ކޮށްގެން ޒޫމް ކުރަން ބޭނުންވާ ތަނެއް ކަނޑައެޅެއެވެ.
·
މެނުއަލް ފޯކަސް އަކީ އަމިއްލަޔަށް ބޭނުން ދިމާލަކަށް ފޯކަސް ކުރުމެވެ. ރީތި
މާ ފަދަ ތަކެތި ފޮޓޯ ނަގާ އިރު ކުރިމަތީގައި ހުންނަ ފަތް ފަހަނަ އަޅާ މާ ސާފުކޮށް
ރީތި ފޮޓޯ ނަގާފައި ހުރޭ ނޫންތޯއެވެ. އެއީ މެނުއަލް ފޯކަސް ބޭނުން ކޮށްގެން މަލަށް
ފޯކަސް ކޮށްގެންނެވެ.
އެޕާރޗަރ އަދި ޝަޓަރ
މިއީ ލެންސް އިން ވަދެގެން ސެންސަރ އަށް އަލި
އެޅުވުމަށް އިންނަ ލޯވަޅެކެވެ. މި ލޯވަޅު ގިނަ ފަހަރަށް ހުންނާނީ ފަންކާ ބުރަފަތި ތަކެއް
ހެން އެހެން ނަމަވެސް ބަންދު ކުރެވޭ ގޮތަކަށެވެ. މި ލޯވަޅު ބޮޑުވި ވަރަކަށް ސެންސަރ އަށް އެޅޭ އަލި
ގިނަވާނެއެވެ. އެޕަރޗަރ މިނަނީ އެފް ސްޓޮޕްސް އިންނެވެ. f stops އެފް ސްޓޮޕް ވެލިއު ދައްވާ
ވަރަކަށް މި ލޯވަޅު ބޮޑުވާނެއެވެ. މިސާލަކަށް އެފް ސްޓޮޕް 1/8، 4/1 އަށް ވުރެ
ކުޑަވާނެއެވެ. މި ބަންދު ކުރުމުގެ ނިޒާމަށް ނުވަތަ މެކޭނިޒަމް އަށް ކިޔަނީ ޝަޓާރ
އެވެ.
·
އެޕަރޗަރ ވެލިއު ދަށްވާ ވަރަކަށް ސެންސަރ އަށް ވަންނަ އަލި ގިނަ ވުމުން ފޮޓޯ
ކޮލިޓީ ރަނގަޅުވާނެއެވެ. އަދި ފޯކަސް ޕޮއިންޓް ކުޑަވުމުން ފުސް ނުވަތަ ބްލަރ
ކޮށްލެވޭ އޭރިއާ ބޮޑުވުމުން ރީތި އިފެކްޓްތައް ފޮޓޯ އަށް ގެނެވޭނެއެވެ.
ޝަޓަރ
ފޯޓޯ ނަގާ
ވަގުތު ޝަޓަރ ހުޅުވިފައި ލެއްޕޭނެއެވެ. ސަބަބަކީ މާ ގިނަ ވަގުތު އަލި އެޅިއްޖެ
ނަމަ ސެންސަރ އަށް ލިބޭ މައުލޫމާތު ގިނަ ކަމުން ފޮޓޯ އިން އެއްވެސް އެއްޗެއް
ވަކިވާ ވަރެއް ނުވާނެއެވެ. އެހެން ކަމުން މި ވަގުތުކޮޅު އެއީ ވަރަށް ބޮޑަށް
ކޮންޓްރޯލް ކުރެވިގެން އަންނަ ވަގުތު ކޮޅެކެވެ. މިސާލަކަށް އާންމުކޮށް ދުވާލު
ގަޑީގައި ތިބޭފުޅުންގެ ފޯނުން ނަގާ ފޮޓޯ އެއްގައި ޝަޓަރ ހުޅުވިފައި ހުންނާނީ ގާތްގަނޑަކަށް
ސިކުންތެއްގެ 300 ބައިކުޅަ ބައިގައެވެ.
ޕްރޮސެސަރ
މިއީ ސެންސަރ އަށް އެޅޭ އަލި ފޮޓޯ އަކަށް ބަދަލު
ކުރާ ހިސާބެވެ. ބައެއް ފަހަރު ސެންސަރ އަށް ލިބޭ މައުލޫމާތު ރީތިކޮށް އުޖާލާ
ކުރުމުގެ ރޯލް ވަރަށް ބޮޑަށް ސެންސަރ އިން އަދާ ކުރެވެވެ. ޝާޕެނިންގ އަދި ނޮއިޒް
ރިޑަކްޝަން ފަދަ ކަންކަމަކީ ފޯން ކެމެރާތަކުގައި ވަރަށް ބޮޑަށް ކުރާ ކަމެކެވެ.
ބައެއް ޑިޖިޓަލް ކެމެރާގެ ވައްތަރުތައް
ތިރީގައިވާ މިވާ ބައިތަކަކީ އެއްގޮތަކަށްވެސް
ސްޓޭންޑާރޑް ބައި ތަކެއް ނޫނެވެ. ސަބަބަކީ މިތަނުން ބައެއް ވައްތަރު އަނެއް
ވައްތަރުތަކަށްވެސް ފެތިދާނެއެވެ. އަދި މިއަށްވުރެ މާ ގިނަ ވައްތަރުގެ ކެމެރާތައް
ހުރެއެވެ. ނަމަވެސް އަޅުގަނޑު އަލިއަޅުވާލަން ބޭނުންވާ މިންގަޑަށް މިވަރުން
ފުދޭނެއެވެ.
1. ޑީއެސް އެލް އާރ ކެމެރާ
ޑީ އެސް އެލް އާރ ކެމެރާގެ ދިގު ގޮތަކީ ޑިޖިޓަލް ސިންގަލް
ލެންސް ރިފްލެކްސް ކެމެރާ އެވެ. މި ކެމެރާގެ ތަފާތު ކަމަކީ ސެންސަރ ބޮޑުވުމާއި
ސެންސަރ އަށް ލިބޭ ސީދާ ތަސްވީރު ވިއުފައިންޑަރ އިން ފެންނަ ގޮތަށް ކުޑަ
ލޯނގަނޑުތަކެއްގެ އެހީގައި ލޮލަށް ފެންނަ ގޮތަށް ހުރުމެވެ. ނަމަވެސް ޝަޓަރ
ބަންދުވާ ފަޅި ސިކުންތުކޮޅު ލޮލަށް އެ ތަސްވީރު ގެއްލޭނެއެވެ. ނަމަވެސް ލައިވްކޮށް
ނަގަން އުޅޭ ފޮޓޯ ވަގުތުން ފެންނާނެ އެންމެ މޮޅު ގޮތަކީ މިއެވެ. ޑީ އެލް އެސް އާރ
ކެމެރާތަކަކީ ފުދޭވަރަކަށް އަގުބޮޑު އެއްޗެކެވެ. އަދި މިފަދަ ކެމެރާތަކަށް ތަފާތު
ލެންސްތައް ލެއްވޭނެއެވެ. އެހެން ފައިދާތަކުގެ ތެރޭގައި ސެންސަރ ސައިޒް ބޮޑުވުން
(ފޮޓޯ ކޮލިޓީ ރަނގަޅުވާނެ ދޯ އެހެން ވީމަ)، ބެޓެރި ލައިފް ދިގުވުން، އޮޓޯ ފޯކަސް
ސްޕީޑް އަވަސްވުން، މެނުއަލް އެތައް އެތައް ކޮންޓްރޯލެއް ހުރުން، މިސާލަކަށް،
ޝަޓަރ ސްޕީޑް، އެކްސްޕޯރޝަރ، މެނުއަލް ފޯކަސް އަދިވެސް އަދިވެސް. ފަހުގެ
ކެމެރާތަކުގައި ވީޑިއޯ ވެސް ކުރެވެއެވެ. މިކަހަލަ ކެމެރާ އިން ނަގާ ފޮޓޯ ވަރަށް
ބޮޑުތަން ކޮލިޓީ ވެފައި ރީތިވާނެއެވެ. މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ކެނޮން،
ނިކޮން، ޕެންޓެކްސް، ސޮނީ ހިމެނެއެވެ.
2. ސުޕަރޒޫމް ކެމެރާ
މިއީ ޑީ އެސް އެލް އާރ އަށް ވުރެ ކުޑަ ސެންސަރ ތައް
ހުރި ނަމަވެސް ވަރަށް ދިގު ލެންސް އެއް ނުނެއްޓޭ ގޮތަށް ހަރުކޮށްފައި ހުންނަ
ކެމެރާތަކެވެ. މިފަދަ ކެމެރާތަކުގެ އަގުވެސް ޑީ އެސް އެލް އާރ ތަކަށް ވުރެ
ހެޔޮވާނެއެވެ. މިފަދަ ކެމެރާތަކުގައި ހުންނަ ލެންސް އިން ވަރަށް ދުރުގައި ހުންނަ
ތަންތަން ކައިރި ކޮށް ނަގާލެވޭނެއެވެ. މިކަހަލަ ދުރުތަންތަނުގައި ހުންނަ ތަންތަން
ނަގަން ކަމުދާ މިއަށްވުރެ މޮޅު ލެންސް ޑީ އެސް އެލް އާރ އަށް ވަކިން ގަންނަން
ލިބެއެވެ. ނަމަވެސް ބައެއްފަހަރު މީގެ ލެންސް އެއްގެ އަގު ކެމެރާ އަކަށްވުރެ
އަގުބޮޑު ވެގެން ދެއެވެ.
3. ޕޮއިންޓް އެންޑް ޝޫޓް ކެމެރާ
މިއީ ޖީބަށް ލެވޭ ކަހަލަ ކުޑަ ފަސޭހައިން ފޮޓޯ
ނެގުމަށް ހަދާފައި ހުންނަ ކެމެރާތަކެވެ. ސްމާރޓްފޯން ކެމެރާތަކުގެ ކޮލިޓީ
އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުން ދިޔަ ވަރަކަށް މިކަހަލަ ކެމެރާގެ
ބޭނުން ކުރާ މީހުން ދަނީ ވަރަށް މަދުވަމުންނެވެ. ބައެއް ފަހަރަށް 3000 ރުފިޔާ އަށް
ލިބޭ މީގެ ކެމެރާއަކަށް ވުރެ މިއަދުގެ ބައެއް ފޯނުތަކުގެ ފޮޓޮ ކޮލިޓީ ރަނގަޅެވެ.
4. ސްމާރޓްފޯން ކެމެރާ
ކޮންމެވެސް މީހަކު ބުނި ހަރުބަހެއްގައި ވާގޮތުން
އެންމެ މޮޅު ކެމެރާ އަކީ އެވަގުތަކު އަތުގައި އޮންނަ ކެމެރާއެވެ. އެއީ މުޅިއަކުން
ދޮގެއް ނޫންތޯއެވެ. މިހާރަކަށް އައިސް ފޯނުތަކުގެ ކެމެރާ ރަނގަޅުވެފައިވާ
މިންވަރަށް ބަލާއިރު އިތުރު ކެމެރާ އެއް ކޮންމެހެން މުހިންމު ނޫން
މުނާސަބަތެއްގައި އުފުލުން މުހިންމެއް ނޫނެވެ.
ބައެއް އިތުރު ވައްތަރު ކެމެރާތައް، އެމް އައި އެލް
ސީ (މިރަރލެސް އިންޓަރޗޭންޖަބަލް ލެންސް ކެމެރާ)، ޑިޖިޓަލް ރޭންޖްފައިންޑަރސް،
ކޭމްކޯރޑަރސް (މައިގަނޑުގޮތެއްގައި ވީޑިއޯ ކުރުމަށް)
ފޯން ކެމެރާތަކާ ބެހޭ
ބޮޑެތި ޑީ އެލް އެސް އާރ ކެމެރާ ފަދަ ކެމެރާތަކާ
ޚިލާފަށް ފޯނަށް ލެއްވޭނީ ކުޑަ ސެންސަރ އެކެވެ. ސަބަބަކީ ފޯންގެ ފިޒިކަލް ސައިޒް
ކުޑަވުމެވެ. ލެންސް އަދި ސެންސަރ ކުޑަވުމުގެ ސަބަބުން ބޮޑެތި ކެމެރާތަކާއި
ދުވަހަކުވެސް ފޯނު ކެމެރާތަކަށް ވާދައެއް ނުކުރެވޭނެއެވެ. ފޯނު ކެމެރާތަކުގެ
ސެންސަރ ބޮޑެތި ޑީއެލްއެސް އާރ ކެމެރާތަކަށް ވުރެ އެތަށް ގުނައެއް ކުޑައެވެ. އަދި
ޒޫމް ކުރެވޭވަރު ލެންސްތަކެއް ނުހުރެއެވެ.
ފޯން ކެމެރާއިން ފޮޓޯ ނެގުމާއި ވީޑިއޯ
ކުރުމަށް ބައެއް ޓިޕްސްތައް
މިހާރަކަށް އައިސް ފޯނުތަކުގައި ހުންނަ
ކެމެރާތަކަކީ ހަގީގަތުގައި ވެސް މޮޅު ކެމެރާ ތަކެކެވެ. ނަމަވެސް ރީތި ފޮޓޯ
ނެގުމުގައި އަލި އަދި ކެމެރާ މަސައްކަތް ކުރާގޮތް ކޮންމެވެސް ވަރަކަށް އެނގުމުން
ތިބޭފުޅުން ނަންގަވާ ފޮޓޯ އެތަށް އަލި އަހަރެއް ރީތިވެގެން ދާނެއެވެ. ؛)
1. އެއްގޮތަކަށްވެސް މީހުން ފޮޓޯ ނަގާ
އިރު އަލިއާއި ދެކޮޅަށް ފޮޓޯ ނުނަންގަވާށެވެ. ދެން ބައެއް ފަހަރު ޝިޅަވެޓެއް
ނަންގަވާނަމަ ރުއްފަށެއް ނެގުމަކުން މައްސަލައެއް ނެތެވެ. ފޯން ކެމެރާ ތަކުގެ
ސެންސަރ ކުޑަވުމުން ޑައިނަމިކް ރޭންޖް (އަނެއްކާ އަނެއް ބަސް ދޯ :ޕ) ދަށް ވުމުން
އަލި އަންނަ ކޮޅާ ދެކޮޅަށް ނަގާ ފޮޓޯގެ ސަބްޖެކްޓް ހުންނާނީ މާ އަނދިރި ކޮށެވެ.
2. ފޯން ވީ ހާވެސް ހިމޭންކޮށް ނުތަޅުވާ
ފޮޓޯ ނަންގަވާށެވެ. އަޅުގަނޑުގެ ރައްޓެއްސަކު ތިމަންނަ އަތުގަ މިއޮތީ އައިފޯން 6
އެސް އެއް ކަމަށާއި މި ފޯނުގެ ފޮޓޯ ކޮލިޓީ މާ ރަނގަޅުވާނެ ކަމަށް ބުނުމުން
އަޅުގަނޑު ފޮޓޯ އެއް ނަގަން ޗެލެންޗް ކުރީމެވެ. އަޅުގަނޑުގެ އަތުގަ އޮތީ 2 އަހަރު
ދުވަސް ކުރީގެ އެލްޖީ ޖީ 3 އެކެވެ. ނަމަވެސް ފޮޓޯ ނެގުމުން އޭނަގެ ފޮޓޯތަކުގެ
ކޮލިޓީ ދަށްކަން އަޅުގަނޑަށް ދައްކާލެވުނެވެ. ބޭނުން ކުރަން ޖެހުނު ހަމަ އެކަނި
އުކުޅަކީ ފޯނު ނުތަޅުވާ ފޮޓޯ ނެގުމެވެ. ފަހުގެ ފޯނުތަކުގައި ބްލަރ (ފުސްކަން)
ފޮހެލުމަށް އިމޭޖް ސްޓެބިލައިޒޭޝަން ސޮފްޓްވެއަރ އަދި އިންޖިނިއަރިންގ ބޭނުން
ކޮށްގެން އުކުޅުތައް ހަދާފަ ހުރެއެވެ. ނަމަވެސް ޓްރައިޕޮޑް ފަދަ ތަކެތި ބޭނުން ކޮށްގެން
ފޮޓޯ ނެގުމުގެ ބޭނުމަކީ ވެސް ވީ އެންމެ ގިނަ ޑީޓެއިލްތައް ފޮޓޯގައި ހުރުމެވެ.
ވީޑިއޯ
ކުރުމުގައިވެސް އެއްވެސް ވަރަކަށް ފޯން ތަޅުވާ ނަމަ ޖެލޯ އެފެކެޓް ކިޔާ
މައްސަލައެއް ވީޑީއޯގައި ފެންނަން ހުންނާނެއެވެ. ވީމާ ވީޑިއޯ ކުރުމުގައި ވެސް
މިކަމަށް ވީވަރަކަށް ބަލަންވާނެއެވެ.
3. އެއްގޮތަކަށް ވެސް، ރިޕީޓް،
އެއްގޮތަކަށްވެސް ޒޫމް ނުކުރައްވާށެވެ. ފޯން ކެމެރާތަކުގައި ހުންނަނީ ޑިޖިޓަލް
ޒޫމް އެވެ. އެއީ ބޮޑު މަކަރެކެވެ. ފޯނުން އެ ހަދާ ގޮތަކީ ޒޫމް ކުރުމުން ނަގަން
އުޅޭ ފޮޓޯ ކްރޮޕް ކޮށްލުމެވެ. ނުވަތަ ފޮޓޯގެ ބޮޑު ބައެއް ވަށާ ކަފާލުމެވެ. ފޮޓޯ
ނަގާ ގަޑީގައި ޒޫމް ކުރުމުގެ ބަދަލުގައި ފަހުން ފޮޓޮ ބެއްލެވުމަށްފަހު ބޭނުން
ހިސާބަކުން ކްރޮޕް ކޮށްލައްވާށެވެ. ނުވަތަ ޒޫމް ކޮށްގެން ނަގާ ފޮޓޯގެ ރިސޮލިއުޝަން
ދައްވާނެއެވެ.
4. ފޮޓޯ ނެގުމުގައި ފޯނުގައި ފޮޓޯ
ނެގުމަށް ހަދާފައިވާ ކެމެރާގެ އިތުރުން އެހެން ކެމެރާއެއް ބޭނުން ކުރުމުން ގިނަ
ފަހަރަށް ފޮޓޯގެ ކޮލިޓީ ދަށްވެއެވެ. ބައެއް ޒުވާން ކުދިންގެ މެދުގައި މަޝްހޫރު 360
ކެމެރާއިން މޫނު ދޮންކޮށް ދެއްކިއަސް ފޮޓޯގެ ރިސޮލިއުޝަން ވަރަށް ދަށްވާނެއެވެ.
ފަހުން ކުދިންނަށް ދައްކަން ބޮޑެތި ޓީވީ ސްކްރީންތަކުގައި އަޅުވާއިރު އެ
ފޮޓޯތަކުގައި ހިމެނެން ޖެހޭ މައުލޫމާތު ހުންނާނީ ގެއްލިފައެވެ. ހީވާނީ ޕުޑިންގ
ގަނޑެއް ހެންނެވެ. އެންމެ ރަނގަޅު ގޮތަކީ ފޯނުގައި ހުންނަ ޑިފޯލްޓް ކެމެރާއިން
ފޮޓޯ ނެގުމަށްފަހު ސްނެޕްސީޑް ފަދަ އެޕްލިކޭޝަނަކުން ފޮޓޯ އަލިކޮށް ކޮށާ މަށާ
ހެދުމެވެ. ސްނެޕްސީޑުން ފޮޓޯ އެޑިޓް ކުރަން ދަސްކޮށްދޭ ބައެއް މިފޮތުގައި
ހިމަނާނަމެވެ.
5. ވީޑިއޯ ފައިލްސައިޒް: ކޮންމެހެން
އެންމެ ޑީޓެއިލްކޮށް ރައްކާ ކުރަން ބޭނުންވާ ވީޑިއޯ ފިޔަވާ އެހެން ވީޑިއޯތައް
ކޮންމެހެން ބޮޑެތި ސައިޒްގައި ކުރުމުގެ ބޭނުމެއް ނެތެވެ. މިހެން ލިޔަން މި ޖެހެނީ
މިފަހަކަށް އައިސް ނުކުންނަ މޮޅެތި ފޯނުތަކުގައި 4ކޭ ވީޑިއޯ ރެކޯޑް ކުރެވޭތީއެވެ. 4
ކޭ ރިކޯރޑް ކުރައްވަން ފަށްޓަވައިފިނަމަ ވަރަށް އަވަށް ފޯނުގެ މެމޮރީ ފުރޭނެއެވެ.
އަދި ރައްކާ ކުރުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. މިސާލަކަށް ބައްލަވާށެވެ. 720 ޕީ
(720 ޕިކްސެލް ފުޅާ 1280 ދިގު) ވީޑިއޯއެއް ކޮލިޓީކޮށް ކުރައްޏާ 1 ސިކުންތުގެ
ވީޑިއޯއެއްގައި 250 މެގަބައިޓް ހުންނާނެއެވެ. އަދި 1080ޕީ ގެ ވީޑީއޯގެ 1
ސިކުންތުގައި 420 އެމްބީ ހުންނާނެއެވެ. އަދި 4ކޭ ވީޑިއޯގެއްގެ ސިކުންތެއް ސޭވް
ވާނީ 1.6 ޖީބީ އަށެވެ. މިއީ އެންމެ ކޮލިޓީ ދަށްކޮށް ކުރާ ނަމައެވެ. އެހެން ކަމުން
ކެމެރާ ނުވަތަ ފޯންގެ ވީޑިއޯ ސެޓިންގ އަށް
ގޮސް އާދައިގެ ކޮށް ކުރައްވާ ވީޑޯ ސައިޒް 720ޕީ އަށް ލާށެވެ. އޭރުން ވަރަށް ގިނަ
ސްޕޭސް ސަލާމަތްވާނެއެވެ.
ފޮޓޯ އަދި ވީޑިއޯ ރައްކާ ކުރުން
ފޮޓޯތައް ރައްކާ ކުރުމަކީ ވަރަށް މުހިންމު
ކަމެކެވެ. ނަމަވެސް ގިނަ ފަހަރު އަހަރެމެންނަށް ވާގޮތަކީ ފޯނު ގެއްލުމުން ނުވަތަ
ހަލާކުވުމުން ފޮޓޯކޮޅުވެސް ދަނީ އެވެ. އެކަމުން ސަލާމަތް ވުމަށް ފޮޓޯ ރައްކާ
ކުރައްވާނެ ބައެއް ގޮތްތައް ތިރީގައި މިވަނީއެވެ.
1. އަތުގައި ފޮޓޯ ރައްކާ ކުރުން:
ގޭގެ ކޮމްޕިއުޓަރ ގައި ފޮޓޯ ރައްކާ ކުރެއްވުމަށް
ފޯނު ނުވަތަ ކެމެރާ ގުޅުމަށް ފަހު ކޮންމެ މަހަކު އެއްފަހަރު ފޯލްޑަރ އެއް ހަދާ
ފޯލްޑަރ އަށް އެ މަހެއްގައި ނެގުނު ހުރިހާ ފޮޓޯ އަދި ވީޑިއޯ ލެވިދާނެއެވެ.
މިގޮތަށް ލުމުން އާ ފޮޓޯ ނަގަން ފޯނުގައި ނުވަތަ ކެމެރާގައި ޖާގަ ވެސް އޮންނާނެވެ.
ކޮންމެހެން މިކަމަށް އިތުރު ސޮފްޓްވެއަރ އެއް ބޭނުމެއް ނޫނެވެ. އެގްޒިފް
އިންފޮރމޭޝަން ބޭނުން ކޮށްގެން ކޮންމެ ފޮޓޯ ގެލަރީ ސޮފްޓްވެއަރ ނުވަތަ
އެޕްލިކޭޝަން އަކުންވެސް ވަގުތު ތަރުތީބުން ފޮޓޯތައް ބަލާލެވޭނެއެވެ. ފޮޓޯ
މިގޮތަށް ރައްކާ ކުރިއަސް އެންމެ ރައްކާތެރި ގޮތަކީ ސީޑީ ތަކަށް ފޮޓޯތައް
އެޅުމަށްފަހު ރައްކާ ކުރުމެވެ. ހާރޑް ޑްރައިވް ތަކަކީ ފިޒިކަލް ގެއްލުމެއް
ލިބިއްޖެނަމަ ރިކަވަރ ކުރަން ވަރަށް އުނދަގޫ އެއްޗިއްސެވެ. އަދި ދުވަސް ވާ
ވަރަކަށް ފަސޭހައިން ހަލާކުވެސް ވެއެވެ. ވީމާ މުހިންމު ފޮޓޯތައް މިސާލަކަށް
އާއިލާގެ ފޮޓޯތައް ސީޑީތަކަށް އަޅާ ސީޑީތައް ރައްކާތެރި ތަނެއްގައި ބެހެއްޓުމަކީ
މޮޅު ކަމެކެވެ.
2. ކްލައުޑްގައި ފޮޓޯ ރައްކާ ކުރުން:
ކްލައުޑްގައި ރައްކާ ކުރުމަކީ އިންޓަރނެޓް ގެ
ބޮޑެތި ފަރާތްތައް ހިންގާ ފައިލް ރައްކާ ކުރާ ސަރވަރ ތަކުގައި ފޮޓޯ ރައްކާ
ކުރުމެވެ. މިގޮތަކީ ފޮޓޯ ރައްކާ ކުރެވޭނެ އެންމެ މޮޅުގޮތެވެ. އެގޮތުން ގޫގުލް
ފޮޓޯސް، ގޫގްލް ޑްރައިވް، މައިކްރޯސޮފްޓް ވަން ޑްރައިވް، އެޕަލް އައި ކްލައުޑް
ބޭނުން ކުރައްވަގެން ފޮޓޯ އަޕްލޯޑް ކޮށްލުމުން އަބަދަށް ރައްކާ ވީއެވެ. މިއަށްވުރެ
ކުޑަ ކުންފުނިތަކުގެ ތަފާތު މިފަދަ ސަރވިސްތައް ތިބެއެވެ. މިސާލަކަށް ފޮޓޯބަކެޓް،
ޝުގަރސިންކް ފަދަ ސަރވިސްތަކެވެ. އަދި މީގެ އެންމެ ފަސޭހަ ތަންކޮޅަކީ ކޮންމެ
ތަނެއްގައި ކޮންމެ ވަގުތަކުވެސް ކޮންމެ ޑިވައިސް އަކުން އެ ފޮޓޯ ނުވަތަ ވީޑިއޯ
ބަލާލެވޭނެއެވެ. މުސްތަގުބަލަކީ އެއީ ކަމަށް ވަރަށް ގިނަ ފަރާތްތައް ބުނެއެވެ.
މިހާރުވެސް އައިފޯން ގެންގުޅުއްވާ ވަރަށް ގިނަ ބޭފުޅުން އައިކްލައުޑްގައި ފޮޓޯ
ރައްކާ ކުރައްވައެވެ. ގޫގުލް ޑްރައިވް ބޭނުން ކުރެއްވުމަށް ފޯނަށް ނުވަތަ
ކޮމްޕިއުޓަރ އަށް އެޕް އެޅުއްވުމަށްފަހު އޮޓޯ ބެކްއަޕް ވައިފައި އިން ވާގޮތް
ހައްދަވާލެއްވުމުން އަމިއްލަޔަށް ނަގާ ކޮންމެ ފޮޓޯ އެއް ބެކަޕް ވަމުންދާނެއެވެ.
މިފަދަ ސަރވިސް ތަކުގައި އެކައުންޓަކަށް ހިލޭ 15 ޖީބީ ލިބެއެވެ. 10 ޖީބީ އަށް 3500
ވަރަކަށް ފަހުގެ ފޯނުތަކުން ނަގާ ފޮޓޯ ލެވޭނެއެވެ. ފޭސްބޫކް އަދި އިންސްޓަގްރާމް
ގައި ޝެއަރ ކުރާ ފޮޓޯ ވެސް ސޭވް ކުރެވިދާނެއެވެ. ނަމަވެސް އެމީހުން ހުންނާނީ ފޮޓޯތައް
ކޮމްޕްރެސް ކޮށް ފޮޓޯ ކޮލިޓީ ދަށްކޮށްލާފައެވެ. އަދި އިންސްޓަގްރާމް އަށް އަޕްލޯޑް
ކުރާ ފޮޓޯ ހުންނާނީ ހަތަރެސްކަނަށް ކްރޮޕް ވެސް ކޮށްލާފައެވެ. ވީމާ ފޮޓޯ ރައްކާ
ކުރުމުގެ ނަމުގައި އެއްގޮތަކަށްވެސް އެދެ ސަރވިސް ބޭނުން ކުރާނެ ކަމެއް ނެތެވެ.
ފޮޓޯ އެޑިޓް ކުރުން
މިއީ ފޮޓޯ އާއި ގުޅުން ހުރި ކުރު ފޮތެއް ކަމަށް
ވުމުން ފަސޭހައިން ފޮޓޯ އެޑިޓް ކޮށްލެވޭނެ ޓިޕްސް ކޮޅެއް ހިމަނާލާނަމެވެ. މިގޮތުން
ފޯނުން ފޮޓޯ އެޑިޓް ކުރުމަށް ފަސޭހައިން ބޭނުން ކޮށްލެވޭނެ ހިލޭ ލިބޭ އެޕެއް
ކަމަށްވާ ސްނެޕްސީޑް އިން ފޮޓޯ އެޑިޓް ކުރުމާ ބެހޭ އެއްޗެއް ބުނެލާނަމެވެ. އަދި
ކޮމްޕިއުޓަރ އިން ފޮޓޯ އެޑިޓް ކޮށްލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ރާއްޖޭގެ
އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ކޮރެލް ފޮޓޯޕެއިންޓް އިން ފޮޓޯ ރީތިކޮށް ކޮށާ މަށާ
ހަދާނެގޮތް ބުނެލާނަމެވެ.
ފާހަގަ ކޮށްލަން މުހިންމު ނުކުތާތައް
އަބަދުވެސް ފޮޓޯ ނެގުމުގެ ތެރޭގައި އެޑިޓް
ކުރުމަށްވުރެ ފޮޓޯ ނެގުމަށްފަހު އެޑިޓް ކުރުން ބުއްދިވެރިއެވެ. މިހެން ދަންނަވަން
މިޖެހެނީ ވަރަށް ގިނަ ޒުވާން ކުދިން ފޯނުން ފޮޓޯ ނެގުމަށް ފާޑު ފާޑުގެ އެޕް ތައް
ގެންގުޅޭއިރު އެ އެޕްތަކުން ފޮޓޯގެ ސައިޒް ވަރަށް ބޮޑަށް ކުޑަކޮށްލައެވެ.
ފޮޓޯ ނަގާއިރު ބޭނުންވާވަރަށްވުރެ ގިނައިން ފޮޓޯ
ނަގާނެ ކަމެއް ނެތެވެ. އެހެން ނޫނީ ފަހުން ޚިޔާރު ކުރަން ޖެހޭ ގަޑީގައި ބޮލުގައި
ރިއްސާނެއެވެ.
ފޮޓޯ ނަގާއިރު އަބަދުވެސް އަބަދުވެސް ވީ އެންމެ
ގިނަ އަލި ލިބޭ ގޮތެއް ހޯދާށެވެ. އެހެނީ ފޮޓޯ ނެގުމާ 100 ޕަސެންޓް ގުޅޭ ހަމަ
އެކަނި އައްޔެވެ. ވީމާ އަލި ގަދަ ތަންތަނުގައި ފޮޓޯ ނަގާށެވެ. އަނދިރި ކުރަން
ވެއްޖެ ހާލަތެއްގައި ފަހުން އެޕެއް ބޭނުން ކޮށްގެން ފަހުން އަނދިރި
ކުރެވިދާނެއެވެ. ؛)
No comments:
Post a Comment